އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައި ނުވާނެ – ޑރ. މުއިއްޒު

ފަހުގެ ސިޔާސީ

ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގަވާފައި ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން ނުދަންނަވާ” ކަމަށެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވާ ގޮތުގައި މުއިއްޒުގެ ފަރާތުން އެއްވެސް ބޭފުޅަކު ވެސް އެކަހަލަ އެންގުމެއް އަންގަވާފައެއް ނުވާނެއެވެ. މުއިއްޒު ވިދާޅުވީ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާ ކަމާއި، އެކަން ކުރަނީ މުއިއްޒުގެ އެންގެވުމަށް ކަމަށް ބުނެ ހަގީގަތާތެއް ނެތް ވާހަކަތަކެއް ވެސް ދައްކަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މުއިއްޒު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ބައެއް ކަންކަން ނުކުރުމަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެގޮތުން ކުރިއަށް ނުގެންދަން އަންގަވާފައިވަނީ އާ އިންވެސްޓްމެންޓެއް ނުކުރުމާއި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުމާއި ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުމާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމާއި ދައުލަތުގެ އެއްވެސް ވަޒީފާ އަކަށް އަލަށް މީހުން ނުނެގުމާއި ދައުލަތުގެ ވަޒީފާގައި ތިއްބެވި މީހުންނަށް ވަޒީފާގެ ކުރިއެރުން ދިނުން ފަދަ ކަންކަމެވެ.

މީގެ އިތުރުން އެ ސިޓީގައި މުއިއްޒު ވަނީ ޕީއެސްއައިޕީ އާއި އެހެނިހެން ޕްރޮގްރާމްތަކުގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ވެސް އެދިވަޑައިގެންފައެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ހިދުމަތްތަކާއި އެ ނޫން ވެސް ވަކި ކަންތައްތަކެއް ނުކުރަން އެންގުމުގެ ގާނޫނީ ބާރެއް ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް ކަމަށް ވިދާޅުވެފައެވެ. ރިފްއަތު އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވުމާ ހަމައަށް މި ސަރުކާރު ހިނގަން ޖެހޭ ކަމަށާއި އެ މުއްދަތާ ހަމައަށް މި ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން އަދި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން މަތީ ސަރުކާރުން ދެމިއޮންނަން ޖެހޭނެއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ވެސް ވަނީ އިންތިހާބީ ރައީސްގެ އޮފީހުން ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ދަތިކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ބުނެ އެކަން ބަލަން ނިންމައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ