އިސްރާއީލުން އަންގައިގެން ޣައްޒާގެ ދެކުނަށް ދަތުރުކުރި ގާފިލާތަކަށް ބޮންއަޅައިފި

ޚަބަރު ފަހުގެ

ޣައްޒާގެ އުތުރު ހުސްކުރަން އިސްރާއީލުން ދިން މުހުލަތާ ގުޅިގެން، ޣައްޒާގެ ދެކުނަށް ދަތުރުކުރި އާންމުންގެ ގާފިލާތަކަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ބޮންއަޅައި 70 މީހުން ޝަހީދު ކޮށްލައިފިއެވެ.

ހަމާސް މީޑިއާ އޮފީހުން ބުނީ، ޣައްޒާގެ ވެރިރަށް ގާޒާ ސިޓީން، ޣައްޒާގެ ދެކުނަށް ދަތުރުރި ގާފިލާތަކަށް ތިން ދިމާއަކުން ބޮންއަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުން ކަމަށް ހަމާސްއިން ބުނެއެވެ.

އިސްރާއީލުން ބޮންއަޅާފައިވަނީ ކާރުތަކާއި، އެނޫން ވެހިކަލްތަކުގައި ދަތުރުކުރި އާންމުންގެ ގާފިލާތަކަށް ކަމަށް ހަމާސްގެ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

ފަލަސްތީނު ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީންވެސްވަނީ، ޣައްޒާގެ ދެކުނަށް ދަތުރުކުރި ގާފިލާތަކަށް ބޮންއަޅާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

މި ހަމަލާތަކުގައި 70 މީހުން ޝަހީދުވުމުގެ އިތުރުން 200 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް، ވަފާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައި ވެއެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ޣައްޒާގެ އުތުރު ހުސްކޮށް އެންމެން ދެކުނަށް ދިއުމަށް އިސްރާއީލުން 24 ގަޑިއިރުގެ މުހުލަތު ދިނީ މިއަދުއެވެ.

އެގޮތުން، އިސްރާއީލުގެ މަތިންދާ ބޯޓުތަކުންވަނީ ޣައްޒާގެ އުތުރުގެ ހުރިހާ ހިސާބަކަށް އިންޒާރުގެ ލިޔުން ހިމެނޭ ކަރުދާސް އަޅާފައެވެ.

އޭގައި ލިޔެފައިވަނީ، 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރު ހުސްކުރުމަށެވެ. ސަބަބެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް، ހަމާސްއިން ވަނީ، އިސްރާއީލުގެ އެންގުމަށް ކިޔަމަން ނުވުމަށް އާންމުންނަށް ގޮވާލާފައެވެ.

އިސްރާއީލުން ފަތުރަނީ ފޭކް ޕްރޮޕަގެންޑާ ކަމަށާއި، އެއީ ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހަމާސްގެ ސަރުކާރުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު އިޔާދު ވަނީ، ގެދޮރު ދޫކޮށް ނުދިއުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ގެދޮރު ދޫކޮށް ނުދިއުމަށް ހަމާސްއިން އެދިފައި ވަނިކޮށްވެސް، ޣައްޒާގެ އުތުރުން ބައެއް އާއިލާތަށް ވެހިކަލްތަކާއި، ފައިމަގުގައި ދެކުނަށް ދަތުރުފެށި ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. އެކަމަކު އެއީ މަދުބައެއް ކަމަށް ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަތާކުގައި ޒަޚަމްވެ ޣައްޒާގެ ހޮސްޕިޓަލްކުގައި އެތައްހާސް ބަޔަކަށް ފަރުވާދެމުންދާއިރު، އަދި ގިނަމީހުން ހާލު އެހާ ސީރިއަސްއިރު، ހޮސްޕިޓަލްތައްވެސް ދޫކޮށް ދިއުމަށް އިސްރާއީލުން ގެންދަނީ އަންގަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ޒަޚަމްވެ ފަރުވާދެމުންގެންދާ މީހުން އެހެންތާކަށް ގެންދިއުމަށް އެންގުމަކީ “މަރުގެ ހުކުމް” އިއްވުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ