ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވާން ފަންޑެއް ހުޅުވައިފި

ޚަބަރު ފަހުގެ

ފަލަސްތީނުގެ ގާޒާގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދިމާވާ ދަތިތަކުގައި ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ހޯދުމަށްޓަކައި ދިވެހި ރެޑް ކްރެސެންޓުން އެމަޖެންސީ ފަންޑެއް ހުޅުވައިފިއެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފަ އެވެ. ބަދަލުގައި އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިޒްރޭލުން ގައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ދިމާވަމުންދާ އިންސާނީ ކާރިސާއާ ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިއްޔެ ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް ގޮވާލާފައެވެ.  

ކުރިއަށް އޮތް ދުވަސްތަކުގައި ޢައްޒާގެ ހާލަތު ގޯސްވާނެކަމަށް ލަފާކޮށް ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ގޮވާލުމަށް އިޖާބަދީ، ދިވެހި ރެޑް ކްރެސެންޓުން މިއަދު ހުޅުވި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށެވެ.

އެ ފަންޑަށް ލިބޭ ފައިސާގެ އެހީ ފޯރުކޮށްދޭނީ، އަނިޔާވެ ޒަހަމުވެފައިވާ ފަރާތްތަކަށް ދެމުންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އެހީވުމަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުންޏެވެ. 

އެ ގޮތުން ފަލަސްތީނަށް އެހީވުމަށް ފައިސާ ޖަމާކުރަށް ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްއިން ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އެކައުންޓުތަކަށެވެ.

7701176022001 (MVR)

7701176022002 (USD)

އަދި އެމްއައިބީން ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އެކައުންޓު ތަކަށެވެ.

99010155500036100 MVR

99010155500036200 USD

އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 2،200 އަށް ވަނީ އަރާފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ގާޒާއިން ގެދޮރު ގެއްލުނު މީހުންގެ އަދަދު 523,378 އަށް އަރައިފިއެވެ. 

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް، ދިވެހި ޖަމިއްޔާއެއް ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ން ވެސް ވަަނީ ފަންޑެއް ހުޅުވާލާފައެވެ. އަދި އައިއޭސީ އިން އިންތިޒާމު ކުރި “ދިވެހިން ފަލަސްތީނާއެކު” ހަރަކާތުގެ ދަށުން ދިވެހީން ތިބީ ފަލަސްތީނާ އެކުގައި ހާމަކޮށް، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނު ރައްޔިތުންނަށް އޮތް ލޯބި އިއްޔެ ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ