އިލްމީ ދިރާސާތައް ގިނަކޮށް ސަރުކާރުގެ ސިޔާސަތު ނިންމުމުގައި ބައިވެރިވާން އިންތިހާބީ ރައީސް ހިތްވަރު ދެއްވައިފި

ޚަބަރު ފަހުގެ

ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އިލްމީ ދިރާސާތައް ގިނަކޮށް، ސަރުކާރުގެ ސިޔާސަތުތައް ނިންމުމުގައި އެފަދަ ދިރާސާތައް ހަދައިގެން ހުށަހެޅުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައިފިއެވެ.

ރާއްޖެއަށް އިސްލާމް ދީން ތައާރަފުވި ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ މިސްރާބު ހުރީ ނުރައްކާތެރި ސިފަތަކަކަށް ކަމަށެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވި ކަމަކީ އެއް ޖިންސުން ކައިވެނި ކުރުމާއި ޖިންސު ބަދަލު ކުރުމާއި އިލާހަކު ނުވާ ކަމަށް ގަބޫލު ކުރާ ފިކުރުތަކާއި އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ފިކުރުތަކުގެ އެކި ހަރަކާތްތަކަށެވެ.

އިޝްތިހާރު
އިޝްތިހާރު

މުއިއްޒު ވިދާޅުވީ އެ އޮއިވަރުން ދިވެހި ޖީލު ސަލާމަތުން ބޭއްވުމަށް ޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަން ތިބި ބަޔަކީ ދީނީ އިލްމުވެރިންނާއި ތައުލީމީ ހިދުމަތްތައް ފޯރުކޮށްދޭން ތިބި މުދައްރިސުންނަށް ކަމަށެވެ.

އިންތިހާބީ ރައީސްގެ ވައުދުނާމާގައި ސްކޫލް މުގައްރަރުގައި ގައުމިއްޔަތުގެ މާއްދާއެއް އިތުރު ކުރުމަށާއި ނެޝަނަލް ރިސާޗު ފަންޑެއް ގާއިމު ކުރުމަށާއި، ސަގާފަތާ ބެހޭ މިނިސްޓްރީއެއް އޮތުމަށް ހިމެނި ސަބަބަކީ ވެސް ދިވެހީންގެ އަމިއްލަވަންތަކަން އަލުން އިއާދަ ކުރުން ކަން ފާހަގަ ކުރެއްވިއެވެ.

ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި، އެކި ދާއިރާތަކުގެ ދިރާސާތައް އިތުރު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހަގީގީ ކަންކަމާއި ހެކިތަކުގެ މައްޗަށް ކުރެވޭ ދިރާސާތައް ހަދައި އެ ކަން ސަރުކާރަށް ހުށަހަޅައިގެން، ސިޔާސަތުތައް ބައްޓަން ކުރުމުގައި ބައިވެރިވާން މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތެވެ.

“ފެކްޗުއަލް އެވިޑެންސްތަކުގެ މައްޗަށް، ވަރަށް ސީރިއަސް، އިލްމީ ދިރާސާތަކެއް ކުރެވިގެން، ސިޔާސީ ކަންކަން ނިންމާ ފަރާތްތަކަށް ލަފާ ފޯރުކޮށްދޭން ފެށުމުން، ދެން އޭގެ މައްޗަށް ސަރުކާރުން ނިންމުންތައް ނިންމީމައި ގައުމަށް ހަމަޖެހުން ލިބޭނީ،” މުއިއްޒު ވިދާޅުވިއެވެ.

ޔުނިވާސިޓީތަކާއި ކޮލުޖުތަކުން އިލްމު ފޯރުކޮށްދިނުމުގައި މިހާރު ވެސް އަދާ ކުރަނީ މުހިންމު ދައުރެއް ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ މަރުކަޒުތަކުގެ ދައުރު އިތުރު ހަރުފަތަކަށް ގެންދަވަން ޖެހޭ ކަމަށެވެ. އެއީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭރެއްގައި އޮންނަ ސަރުކާރެއްގެ ނިންމުންތައް ނިންމުމުގައި، އެކުގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ހިޔާލާތު ތަފާތުވި ނަމަވެސް އެކުގައި މަސައްކަތް ކުރެވެން ޖެހޭ މައްސަލަތައް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ހިޔާލު ތަފާތު ވުމުގެ ސަބަބުން އެއްވެސް ބަޔަކު އެކަކު އަނެކަކަށް ޒާތީ ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަންނަވާނީ ނޮވެމްބަރު 17، ގައެވެ. ރާއްޖޭގައި ރިޔާސީ ދައުރަކަށް ކަނޑައަޅާފައި އޮންނަނީ ފަސް އަހަރު ދުވަހުގެ މުއްދަތެކެވެ.


އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ