ޣައްޒާގެ އަލްގުދުސް ހޮސްޕިޓަލް ވަގުތުން ހުސްކުރަން އިސްރާއީލު ސިފައިން އަންގައިފި

ޚަބަރު ފަހުގެ

އިސްރާއީލުގެ ޓެރަރިސްޓު ސިފައިން، ޣައްޒާ ސިޓީގައި ހުންނަ އަލްގުދުސް ހޮސްޕިޓަލް ހުސްކުރަން އަންގައިފިއެވެ.

އަލްގުދުސް ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ. ބައްޝާރް މުރާދު ވިދާޅުވީ، އިސްރާއީލު އޭނާއަށް ގުޅައި، ހޮސްޕިޓަލް ވަގުތުން ހުސްކުރުމަށާއި، އެތަނުގައި ތިބި އެންމެން ދެކުނު ޣައްޒާގެ ޚާން ޔޫނިސްއަށް ފޮނުވާލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ޒަޚަމްވެގެން އަލްގުދުސް ހޮސްޕިޓަލުގައި 400 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާއިރު، ކަރަންޓު ނެތުމާއި، ސާމާނު ނެތުމުގެ ސަބަބުން އެތަނުގެ ބައެއް ޑިޕާޓްމަންޓްތަކުގެ މަސައްކަތް ކުރިންވެސް ހުރީ ހުއްޓިފައެވެ.

މީގެއިތުރުން، އިސްރާއީލުގެ ހަމަލާތަކުން ސަލާމަތް ހޯދުމަށް ހޮސްޕިޓަލް ތެރޭގައި ގާތްގަނޑަކަށް 12،000 މީހުން އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހިމާޔަތް ހޯދައިގެން ތިބި ގިނަމީހުންގެ ގެތަކަށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިންވަނީ ބޮންއަޅައި ސުންނާފަތި ކޮށްލާފައެވެ.

އަލްގުދުސް ހޮސްޕިޓަލް ހުސްކުރަން އިސްރާއީލުގެ އަސްކަރިއްޔާއިން އެންގީ، އެހިސާބުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން އުޅޭތީ ކަމަށް ބުނެފައި ވެއެވެ.

ހޮސްޕިޓަލް ހުސްކުރަންޏާ، ބަލިމީހުންނާއި، އަދި ހިމާޔަތް ހޯދައިގެންތިބި އާންމުން ޣައްޒާގެ ދެކުނަށް ގެންދަން ބަހާއި އެނޫންވެސް ވެހިކަލްތައް ހަމަޖައްސައިދޭން އެދުމުން، އިސްރާއީލުގެ އަސްކަރިއްޔާއިން ގުޅިމީހާ ރުޅިއައިސް، ހޮސްޕިޓަލް ހުސްނުކޮށްފިއްޔާ ދެން ދިމާވާނެ ކަންތައްތަކާ ކުރިމަތިލުމަށް ގޮވައި ހަޅޭލެވުމަށްފަހު ފޯނު ބޭއްވީ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އަލްގުދުސް ހޮސްޕިޓަލް ހުސްކުރަން އެންގުމާ ގުޅިގެން ފަލަސްތީނު ރެޑް ކްރެސެންޓުން ވަނީ، އިސްރާއީލުން ހިންގަންއުޅޭ އުދުވާނު ހުއްޓުވަން އަވަސް ފިޔަވަޅު އަޅައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ އަލްއަހްލީ އަރަބް ހޮސްޕިޓަލްގައި ހިންގިފަދަ ޖަރީމާއެއް ތަކުރާރު ވެދާނެ ކަމަށްވެސް ފަލަސްތީނު ރެޑް ކްރެސެންޓުން އިންޒާރު ކޮށްފައި ވެއެވެ. އިސްރާއީލު ސިފައިން ބޮންއަޅައި އެތަން އަޅިޔަށް ހަދާލާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފައިވަނީ، އަލްގުދުސް ހޮސްޕިޓަލުން ހިމާޔަތް ހޯދައިގެންތިބި 12،000 އާންމުންގެ ތެރެއިން 70 އިންސައްތައަކީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ