ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް މަޖިލީހުން އެޖެންޑާ ކޮށްފިއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ސޮއި ކުރައްވައި މެންބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލަ މިމަހު 29 ވާ އާދިއްތަ ދުވަހު އޮންނާނެ ކަމަށެވެ.

 

އާއްމު ކޮމެޓީން ނިންމާފައިވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެމަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ ނޯޓިސް ވެސް ފޮނުވަފައިވައެވެ.

 

އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެއް ކަމަށާއި، އެމްޑީޕީން މިދިޔަ ދައުރުގައި އެފަދަ މައްސަލައެއް ހުށަހަޅައި، މި ދައުރުގައި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

 

ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވަނީ ނަޝީދަށް އެގޮތަށް ވިދާޅުވުނުވެވޭނެ ކަމަށާއި އެކަން ނިންމަވާނީ އަމީންއާންމު ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަނާޅަން އެދި ނަޝީދު ބައެއް މެންބަރުންނަށް އިންޒާރުގެ މެސެޖު ފޮނުއްވި ކަމަށް އަސްލަމް ތުހުމަތު ކުރެއްވިއެވެ.

 

މިދިޔަ ދައުރުގައި ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަރުތަޅު އެޅުނެވެ. އޭގެ ސަބަބުން، މަޖިލިސް ޗުއްޓީއަށް ދާން ޖެހުނީ ގިނަ މަސައްކަތްތަކެއް ނުނިންމައެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: