އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ.
ހ.މައިޒާންދޮށުގޭގައި ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގައި ތަމްސީލުކުރާ ދާއިރާތަކުގެ އަދަދު މަދުކުރެވޭތޯ އަދިވެސް މަސައްކަތް ކުރާނެ ކަަމަށާއި އެކަން ކާމިޔާބު ނުވި ނަމަވެސް ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެޕާޓީގެ ވަގުތީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާްއިރާތަކުގެ އަދަދު 76 އަށް މަދުކުރުމާ އެކު އެހެން ބައެއް ބަދަލުތައް ވެސް ގެނައުމަށްޓަކައި ގާނޫނު އަސާސީ ބަދަލުކުރަން ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ހުށަހަޅުއްްވައިފައެވެ.
މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރަން ނިންމުމާ އެކު ދަ ޑިމޮކްރެޓްސްގެ ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތް ފަށަންވެސް މިއަދު އެޕާޓީން ނިންމިއެވެ. ހަސަން ލަތީފު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފަށަން ނިންމީ ވަގުތީ ކައުންސިލްގެ އިއްތިފާގުންނެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުުވުމާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީން ވަކިވެވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޕާޓީއެކެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބު އަދި ނުބާއްވާތީ ޕާޓީ ހިންގަނީ ވަގުތީ ކައުންސިލަކުންނެވެ.