ހުޅުމާލޭ ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގައި، އެކަމަށް ހާއްސަ ދެ ރަށަކަށް ބަދަލުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ނުވަތަ ހައިވޭގައި ގާއިމުކުރާ 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓެވެ.
މިއަދު ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލްތަކާ އެކު ހުޅުމާލެ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ. މާލެ ސަރަހައްދުގައި މޫދު އެންމެ ރީތިކޮށް ފެންނަން އޮންނަ ސަރަހައްދަކީ އެއީ ކަމަށާއި ނަމަވެސް މިހާރު ޖަހާފައިވާ ސޯލާ ޕެނަލްތަކުން އެ ސަރަަހައްސުގެ ރީތިކަން ގެއްލިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން، ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގާނެ ކަމަށާއި އެ ޕަނަލްތައް ކުޑަ ނުވަތަ މެދު ސައިޒުގެ އެއް ރަށް ނުވަތަ ދެ ރަށަށް އެ ޕެނަލްތަކަށް ފަންޑުކުރި ފަރާތާއި ވާހަކަ ދައްކައިގެން ބަދަލުކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހައިވޭގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގައެވެ.
މި ސޯލާ ޕީވީ އިންސްޓޯލްމަންޓުން އަހަރަކު ގާތްގަނޑަކަށް 9.1 މިލިއަން ސޯލާ ޔުނިޓް އުފެއްދޭނެކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ ދެ މިލިޔަން ލިޓަރުގެ ޑީސަލުން އުފެއްދޭހާ ކަރަންޓެވެ. އެހެންވެ ސަރުކާރުން ތެލަށް ކުރާ ހަރަދުތަކުން އަހަރަކު 20 މިލިޔަން ރުފިޔާ ސަލާމަތްވާނެކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ މަސައްކަތް ނިންމައި ސޯލާ ޕެނަލްތަކުން މި މަހު ކަރަންޓު އުފައްދަން ފެށޭނެއެވެ.