އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަމަ ކުރައްވަން ޖެހޭނެ ދެކަމަކީ ރާއްޖެ ސަރަހައްދުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމާއި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭރު ކުރުން ކަމަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އައު ސަރުކާރާއި އެކު އެމަނިކުފާނު އެންމެ ޝައުގުވެރިކަން ހުންނަނީ ކަނޑުގެ ސަރަހައްދު ގެއްލުނު މައްސަލައިގައި އާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތްދާވަރު ބެއްލެވުމަށް ކަމަށެވެ.
އެގޮތުން ރާއްޖެ ސަރަހައްދުން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހަޅަންޖެހޭ ކަމަށާއި އެކަމުގައި މުއިއްޒާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ވެރިކަމުގައި ގިނަ ދުވަސްތަކެއް ވުމުގެ ކުރިން ރާއްޖޭގައި ގާއިމްވި ތިބޭ އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންތިޚާބީ ރައީސްގެ ސަރުކާރަށް “ފާސް މާކްސް” ދެވޭނީ މި ދެކަންތައް ފުރިހަމަ ވުމުން ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު ސިޔާސީ ޕޯޑިއަމްއަކުން ރައީސް ޔާމީން ފެނިގެން ދިޔަ އިރު ރޭގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.