ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް މެޖޯރިޓީ ހޯދުމަށާއި، އެ ދެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން މިއަދު އައްޑޫއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންގެ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ޗެއަރޕާރސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، އައްޑުއަށް މި ކުރާ ދަތުރަކީ ރައްޔިތުންނާއިގާތުން މަސައްކަތް ކުރުމުގެ ގޮތުން ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ކުރާ ދަތުރެއްކަމަށެވެ.
ޢަބްދުއްރަހީމް ވިދާޅުވީ، ކުރިއަތް އޮތް 5 އަހަރު ރައްޔިތުން ބޭނުންވާގޮތަށް ސަރުކާރު ހިންގުމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކުރިއަތް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެގުން މުހިންމުކަމަށެވެ. އެހެންކަމުން މި ދަތުރުގައި މަޖިލިސް އިންތިޚާބާއި ގުޅޭގޮތުންވެސް ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ މި ދަތުރުގެ ތެރެއިން ޕީޕީއެމް/ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ވާދަކުރުމަށް ކެންޑިޑޭޓުން ނެރުމަށް ނިންމާފައިވަނީ އެ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ. އަދި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އަންނަ މަހުގެ 20 އިން 31 އަށް ހުޅުވާލަން ވަނީ ނިންމާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ބެހިފައިވާގޮތުން 93 ދާއިރާއެއް ހިމެނެއެވެ. އެއީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ 6 ދާއިރާގެ އިތުރު ޢަދަދެކެވެ.