ފްލެޓް ދިން ގޮތުގެ ތަހުގީގަށް އޭސީސީން ހައުސިން މިނިސްޓްރީއަށް ވަދެއްޖެ

ޚަބަރު ފަހުގެ

މި ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާގޮތް ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހަައުންސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީއަށް އޭސީސީގެ ކުއިކް ރެސްޕޮންޑް ޓީމުން ވަދެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އެހެންނަމަވެސް އޭސީސީގެ މި ތަހުގީގާއި ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ އަދި އެ މައްސަލަ ނުބަލާ ފްލެޓު އެއްބަސްވުންތަކުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.

އޭސީސީން އެކަން ހުއްޓުވީ ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު އެއީ އިންސާފުން ބޭރުން އަދި އޮޅުވާލުމެއްގެ ތެރެއިން އާންމުކޮށްފައިވާ ދާއިމީ ލިސްޓެއް ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑުވެ އެ މައްސަލަ ކޮމިޝަންގެ ސަމާލު ކަމަށް އައުމާ ގުޅިގެންނެވެ. ފްލެޓަށް ޕޮއިންޓް ދިނުމުގައި އިންސާފުވެރިކަމެއް ނެތް ކަމަށް ބުނެ، ޕޮއިންޓްތައް ލިބިފައި ހުރި ގޮތުގެ ތަފްސީލްތައް ހާމަކުރަން ގޮވާލައި އިއްޔެ ހައުސިން މިނިސްޓްރީ ދޮށަށް ބަޔަކު އެއްވެ އިހްތިޖާޖް ވެސް ކުރިއެވެ.

ޕްލޭނިން މިނިސްޓްރީން ނިންމާފައި އޮތީ ދާއިމީ ލިސްޓު އިއުލާންކޮށް، ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންނަށް ނޮވެމްބަރު 17 ގެ ކުރިން، ލިއުން ހަވާލުކުރުމަށެވެ. އަދި ޝަރުތު ހަމަވާ އެކަމަކު، 4،000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ލިޔުމެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ފްލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. މީގެތެރެއިން 13،000އެއްހާ މީހުން ޝަރުތު ފުރިހަމަވި ކަމަށާއި އެ އެންމެންނަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. ބައެއް ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ