އައްޑު އަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރާ މަޝްރޫއު އިންޑިއާގެ ރެނާޓަސްއަށް ދީފި އެވެ.
އައްޑޫ އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އަޒާން އަޙްމަދު ވިދާޅުވީ ގަން އެއާޕޯޓުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މީގެ ދެތިން ހަފުތާކުރިން ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވި ގޮތުން މި މަޝްރޫޢުގެ ދަށުން އެންމެ މުހިންމު ކަމަކަށް ދާނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރުގެ ޕެސެންޖަރ ޓާމިނަލެއް ތަރައްޤީ ކުރުމެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ގަން އެއާޕޯޓުގެ މަޝްރޫޢުގެ ދަށުން ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާނެއެވެ. އަދި ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނަކާއި ލައުންޖް ވަސީލަތްތައް ވެސް ގާއިމުކުރެވިގެންދާނެ ކަމަށެވެ.


