ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކޮށްފި އެވެ.
ރޭގެ ވަގުތަކުން ފެށިގެން “ދިޔަވަރު.ކޮމް” އަދި “ކުރުސީ.ކޮމް” އަށް ނުވަދެވެ އެވެ. މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ.
އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.
އެ މިނިސްޓްރީ އަދި އެ އޮތޯރިޓީގެ ރަސްމީ ބަހެއް މިކަމުގައި މިހާތަނަށް ލިބިފައި ނުވެ އެވެ.
މިއީ ކޮން ބައެއް ހިންގާ ވެބްސައިޓުތަކެއްކަން މިހާތަނަށް އެނގިފައި ނުވާއިރު މިފަދަ އެތައް ވެބްސައިޓެއް ރާއްޖޭގައި މީގެކުރިން ވެސް ހިންގާފައިވެ އެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ ވެބްސައިޓެއް ބްލޮކްކޮށް ނުވަދެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ.