ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތަށްޓަކައި ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފިއެވެ.
ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކޮށްދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ
ރާއްޖޭގައި ހުރި ވަޤުފް އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި އާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެ ފައިސާއިން ހޭދަކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ވުޒާރާގެ ދަށުން ކުރެވޭ ކަންކަން ޙަޤީޤަތަކަށް ހެދުމަށް އެހެން ވުޒާރާތަކާއި ގުޅިގެން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، މިއީ ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
“އަޅުގަނޑުމެންގެ މި ކަމުގެ އެންމެ ފަހުގެ ތަޖުރިބާއަކީ، މި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ އަލްއީމާން ޕްރޮޖެކްޓުގެ ފައިދާ. އެ ދާރުލްއީމާންގެ މަޝްރޫއުގެ ދަށުން އަހަރަކު ހައެއްކަ މިލިއަން ރުފިޔާ އެބަ ލިބޭ މިސްކިތްތަކާބެހޭ ފަންޑަށް. އެއީ ވަރަށް ބޮޑު ހެޔޮ ކަމެއް. މާނައަކީ އޭގެ ދެތިން ހަތަރު އިމާރާތް މާލެސިޓީގަ ޤާއިމްކުރެވިއްޖެނަމަ މިސްކިތްތަކަށް ދިމާވެފަ ހުރި މާލީ ދަތިތައް ހައްލުވެގެންދާނެ. އިރާދަކުރެއްވިއްޔާ ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގަ، ހުޅުމާލޭގަ ރާއްޖޭގެ އެންމެ ބޮޑު ވަޤުފް ބިނާ “ދާރުއްސަލާމް ބިލްޑިންގ” ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ.” ޝަހީމް
ވަޒީރު ވިދާޅުވީ ސިޓީ ވަޤުފާއި އަތޮޅު ވަޤުފް މަޝްރޫޢަކީ ވަރަށްވެސް އުންމީދީ މަޝްރޫޢެއް ކަމަށެވެ. ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށާއި، މިސްކިތްތައް ބެލެހެއްޓުމަށާއި، އިސްލާމީ ދަޢުވަތުގެ ކަންކަމާއި އެހެން ވެސް އިޖްތިމާޢީ ހެޔޮ ކަންކަމަަށް އިތުރު ފަންޑު ހޯދައި، ޚަރަދު ހޯދައި، ފަންޑު ހޯދުމަށްޓަކައި، މާލޭގެ އިތުރުން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަޤުފުގެ މަޝްރޫޢުތައް ޤާއިމްކުރުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.