ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފަށަން ތައްޔާރު: ރައީސް

ޚަބަރު ފަހުގެ

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް މިސަރުކާރު އޮތީ ތައްޔާރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ފޫޖޯ ސިޓީގައި މިއަދު ފެށި “އިންވެސްޓް މޯލްޑިވްސް” ފޯރަމް ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަމަށާއި އެގުޅުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާ ބޮޑު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއަކަށް ޗައިނާވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެންމެ ފުރަތަމަ ފުރަމަނާ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމާއި މިސަރުކާރުން ބާއްވާ ވިޔަފާރިއާ ގުޅުންހުރި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ހަރަކާތް އެ ޤައުމުގައި ބޭއްވުމަކީ ވެސް ދެ ޤައުމުގެ ގާތް ގުޅުމެއް ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެއެއްބަސްވުމުގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ އުފެއްދުންތަކުގެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ ޗައިނާއިން ދެކުނު އޭޝިއާ ޤައުމަކާއެކު ވެފައިވާ މިފަދަ ފުރަތަމަ އެއްބަސްވުން ކަމަށާއި އެއެއްބަސްވުމަށް ވީހާވެސް އަވަހަށް އަމަލު ކުރެއްވުމަށް މި ސަރުކާރުން ތައްޔާރު ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިއަށް އޮތް 10-15 އަހަރު ތެރޭ ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި އެމަސައްކަތުގައި ބޭރުގެ އިންވެސްޓްމަންޓުތަކާއި އެހީ ބޭނުންވާނެ ކަމަށެވެ. އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖޭގެ އުފެއްދުންތެރިކަން 6 ބިލިއަން ޑޮލަރުން 12 ބިލިއަން ޑޮލަރަށް އިތުރު ކުރެއްވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާގެ ރައީސް ފައްޓަވާފައިވާ “ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް” ގެ ދަށުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ފަށަން ތައްޔާރުވެފައިވާ އެއަރޕޯޓު ތަރައްގީގެ މަޝްރޫއާއި ކޮމާޝަލް ޕޯޓު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިއިނީޝިއޭޓިވްއާ ގުޅިގެން ކުރެވެން ހުރި ކަންކަން ކުރެއްވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް އިންވެސްޓް ކުރުމުގައި ބޭރުގެ އިންވެސްޓަރުންނަށް ފަސޭހަގޮތްތަކެއް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޗައިނާގައި ފަށާފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމުގައި އެ ޤައުމާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭހެން 300 އެއްހާ ވިޔަފާރިވެރިން ބައިވެރިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ