ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ޗައިނާގެ ފުރިހަމަ ތާޢީދު

ޚަބަރު ފަހުގެ

ސިޔާދަތާއި މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ފުރިހަމައަށް ތާއިދުކުރާކަމަށާއި، އެއްވެސް ބަޔަކު ރާއްޖޭގެ ދާޙިލީ ކަންކަމަށް ނުފޫޒު ފޯރުވުމާއި ދެކޮޅުކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ޗައިނާ ސަރުކާރުން މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޗައިނާއާއި ރާއްޖެއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ ޗައިނާއާއި ރާއްޖޭގެ މަސްލަހަތު ޙިމާޔަތްކުރުމުގައި އެއް ޤައުމުން އަނެއް ޤައުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ. އަދި ޤައުމީ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޗައިނާއިން ފުރިހަމައަށް ތާއިދުކުރާކަމަށްވެސް ބަޔާނުގައެވެ.

ގުޅިފައިވާ ބަޔާނުގައި ޗައިނާއިން ބުނީ ތަރައްޤީގެ މަގުގައި ރާއްޖެއާ އެންމެ އެކަށޭނެ މަގަކުން ކުރިއަށްދިއުމުގެ މިނިވަންކަން ރާއްޖެއަށް އޮންނާނެކަމަށާއި، ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ އެއްވެސް ބަޔަކު ނުފޫޒު ފޯރުވުމަކީ ޗައިނާއިން ދެކޮޅު ހަދާކަމެއްކަމަށެވެ.

ރާއްޖެއަކީ “ވަން ޗައިނާ” ސިޔާސަތު ފުރިހަމައަށް ޤަބޫލުކުރާ ޤައުމެއްކަމަށާއި، އަދި ޓައިވާނަކީ ޗައިނާއާ ވަކިނުކުރެވޭނެ ބައެއްކަން ރާއްޖެއިން ފުރިހަމައަށް ޤަބޫލުކުރާކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޗައިނާގެ އިސްތިޤްލާލާއި މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުވަތަ ޗައިނާގެ ދާހިލީ ކަންކަމަށް ނުފޫޒުފޯރުވުމުގެ މަސައްކަތަކަށްވެސް ރާއްޖެއިން ދެކޮޅު ހަދާކަމަށް މި ބަޔާނުގައިވެއެވެ.

ޗައިނާއާއި ރާއްޖެއަކީ ދެޤައުމުގެ މެދުގައި އޮންނަ އިތުބާރާއި އެހީތެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޚްލާޞްތެރި ރަޙްމަތްތެރިންގެ އިތުރުން ތަރައްޤީއާއި ކުރިއެރުމުގެ ބައިވެރިންކަމުގައިވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި 52 އަހަރު ކުރިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނު ފަހުން، ދެ ޤައުމުން އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، އެއްބާރުލުން ދެމުން އަންނަކަންވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ