މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިއްޖެ

ޚަބަރު ފަހުގެ

މާޗު މަހުގެ 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް ޑރ، މުހައްމަދު މުއިއްޒު، އިންޑިއާ ސަރުކާރުގައި މިއަދު އެދިވަޑައިގެންފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ދެ ގައުމުން ވަނީ މަތީ ފަންތީގެ ކޯ ގްރޫޕެއް އެކުލަވާލައިފައެވެ. އެ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ހެނދުނުން ފެށިގެން ފޮރިން މިނިސްޓްރީގައި އަންނަނީ ބާއްވަމުންނެވެ. އެ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ނާޒިމް މިއަދު ވިދާޅުވީ، ރައީސް މިއަދުގެ ބައްދަލުވުމުގެ އެޖެންޑާއަކަށް ނަންގަވާފައިވަނީ މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިިން ބޭލުން ކަމަށެވެ. އެހެންވެ، އެ މަޝްވަރާތައް މިއަދުގެ ހަވީރާ ޖެހެންދެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އިންޑިއާ ސިފައިންނަކަށް ރާއްޖެއަކު ނުތިބެވޭނެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ، އެއީ ސަރުކާރުގެ ސިޔާސަތަކީ،” ނާޒިމް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ