ހަނިމާދޫ ސްކޫލް އިންޓަރ ހައުސް ސީނިއާރ ހޭންޑް ބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ދެ މެޗަށްފަހު ފާށަނާ ހައުސް ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
މިގޮތުން މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ފާށަނާ ހައުސް ވާދަކުރީ ޣާޒީ ހައުސް އާއި އެވެ. މިމެޗު 12 ލަނޑު 4 ލަނޑުން ކާމިޔާބުކުރީ ފާށަނާ ހައުސް އެވެ. މި މެޗުގައި ފާށަނާ ހައުސްގެ ފާޠިމަތު ނާޝް 5 ލަނޑު ކާމިޔާބު ކުރިއިރު، އެ ޓީމުގެ އައިމިނަތު ދީނާ ވަނީ 4 ލަނޑު ކާމިޔާބު ކޮށްފައެވެ. ބާކީ ލަނޑުތައް ފާށަނާ ހައުސްއަށް ކާމިޔާބު ކޮށްދިނީ ސާނިހާ މުޙައްމަދާއި، އަޒްކާ އަޙުމަދުގެ އިތުރުން އެ ޓީމުގެ ފާޠިމަތު އަހުމަދު ޒާހިރުއެވެ.
ޣާޒީ ހައުސް މިމެޗުގައި ކާމިޔާބު ކޮށްދިން 4 ލަނޑުވެސް ކާމިޔާބު ކޮށް ދިނީ އެ ޓީމުގެ އައިމިނަތު ލަޔާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާށަނާ ހައުސްގެ ފާޠިމަތު ނާޝް އެވެ.
މިއަދުގެ ދެވަނަ މެޗުގައި ވާދަކުރީ ދޮށިމޭނާ ހައުސް އަދި ހުރަވީ ހައުސް އެވެ. ވާދަވެރި ކުޅުމަކަށްފަހު މިއަދުގެ މެޗު 11 ލަނޑު 9 ލަނޑުން ކާމިޔާބު ކުރީ ދޮށިމޭނާ ހައުސް އެވެ. މި މެޗުގައި ހުރަވީ ހައުސް އަށް ލަނޑުތައް ކާމިޔާބު ކޮށްދިން ގޮތަށް ބަލާއިރު، އެ ޓީމުގެ މަރްޔަމް ރަޒާން ވަނީ 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ހުރަވީ ހައުސްގެ ޝާޔާ އަޙުމަދު ރަޢޫފް 2 ލަނޑު ކާމިޔާބު ކޮށްދިން އިރު، ބާކީ ލަނޑުތައް ކާމިޔާބު ކޮށްދިނީ އީޝާ އަޙުމަދު ޝަމީމް އާއި މަޒާޔާ އިބްރާޙިމް އެވެ.
މި މެޗުގައި ދޮށިމޭނާ ހައުސްގެ ލަނޑުތައް ކާމިޔާބު ކޮށްދިން ގޮތަށް ބަލާއިރު، އެ ޓީމުގެ އައިޝަތު އަލްމާސާ ވަނީ 5 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ދޮށިމޭނާގެ އައިޝަތު އުމާމާ 4 ލަނޑު ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ އައިޝަތު ލީނާ ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދޮށިމޭނާ ހައުސްގެ އައިޝަތު އުމާމާ އެވެ.
މި މުބާރާތުގެ 2 މެއްޗެއް މާދަމާ ހަވީރުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ހަވީރު 4:00 ގައި ފާށަނާ ހައުސް ވާދަކުރާނީ ދޮށިމޭނާ ހައުސް އާއި އެވެ. އަދި ދެވަނަ މެޗުގައި 17:00 ގައި ޣާޒީ ހައުސް ވާދަ ކުރާނީ ހުރަވީ ހައުސް އާއި އެވެ. މި މުބާރާތުގެ މެޗުތައް ކުޅެމުންދަނީ ހަނިމާދޫ ޒުވާނުންގެ މަރުކަޒުގެ ޓާރފް ދަނޑުގައެވެ.