ސިފައިންނަށް ޒަމާނީ ވަސީލަތްތައް ހޯދައިދޭނެ: ޑިފެންސް

ޚަބަރު ފަހުގެ

ސިފައިންނަށް ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި، ޒަމާނީ އަސްކަރިއްޔައަކަށް ޤައުމީ ދިފާޢީ ބާރު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ އެއް މަސައްކަތްޕުޅު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ސިފައިންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދަޢުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާޢީ ދަޢުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަޞީލަތްތައް ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ ވުޒާރާއިން ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ އިސް ދަޢުރެއް އޮތީ ޤައުމީ ދިފާޢީ ބަރަށްކަމަށްވުމާއެކު، ބަދަލުވަމުންދާ ސަލާމަތީ މަޝްރަޙުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ޤާބިލުކަން ހުރި އަސްކަރިއްޔާއަކަށް މަސައްކަތްކުރަމުންދާކަމަށެވެ.

ޤާނޫނު އަސާސީގެ ދަށުން ސިފައިންގެ ޚިދުމަތަށް މަތިކުރާ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުން ހިމެނެ އެވެ. އަދި ދިވެހި ދަޢުލަތް ދިފާއުކޮށް ޙިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، ރާއްޖޭގެ ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި ރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން ހިމެނެ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ދިވެހި ދަޢުލަތާއި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުން ކުދަމުންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ