ހަތަރު އަތޮޅެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.
ސަރުކާރުން މިއަދު ވަނީ ކ، އއ، އދ އަދި ވ އަތޮޅުގެ މީހުން ދިރިއުޅޭ 30 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ނޭޝަނަލް ހެވީ މެޝިނަރީ ކޯޕަރޭޝަން އަދި ސިނޮސާ ކޮންސޯޓިއަމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ “ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)” ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި މަޝްރޫއުގެ ދަށުން މި ރަށްރަށުގެ ކަރަންޓު އުފައްދާ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާއިރު، އެ ތަންތަނަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ނިޒާމުތައް ޤާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ބެލެހެއްޓޭނޭ ގޮތަށް އެނިޒާމުތައް ފުރިހަމަ ކުރެވޭނެ އެވެ. މި ނިޒާމުތައް ތަރައްޤީކުރެވިގެންދާއިރު އެތަންތަނުގެ މުވައްޒަފުންވެސް އެނިޒާމުތަކަށް އަހުލުވެރިކުރުވުމަށްޓަކައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ތަމްރީނު ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާތާ ދޮޅު އަހަރެއްގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތްތައް ނިންމައި، އެ ރަށްރަށުގައި ތަރައްޤީކުރާ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަން ފަށާނެ އެވެ. މި ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށް ބޭނުންކުރަން ފެށުމުން އަހަރަކު 2.4 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހަމައެކަނި ޑީސަލުން ކަރަންޓު އުފައްދާގޮތަށް ރަށްރަށުގައި ޤާއިމުކޮށްފައިވާ ދުވަސްވީ ވަސީލަތްތަކުގެ ބަދަލުގައި ސޯލަރ-ޑީސަލް-ބެޓެރީ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަކީ ސަރުކާރުގެ އެއް އަމާޒެވެ.