ޕީޖީ ޝަމީމްއަށް ހަމަލާދިންކަަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ، ޝަމީމަށް ދިން ހަމަލާއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށްތަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޝުޖާއު ވިދާޅުވެފައިވަނީ، ޝަމީމަށް ހަމަލާދިންކަމުގެ ރިޕޯޓު ލިބުނު ހިސާބުން ފަށައިގެން ފުލުހުންނަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެކަމުގެ އަޑީގައި އުޅޭ ބައެއް ހޯދަން މަސައްކަތް ފަށާފައިވާކަމަށެވެ.

އެހެންކަމުން ލިބިފައިވާ މައުލޫމާތުތަކާއި ހޯދުންތަކުގެ މައްޗަށް ބަރޯސާވެ ޝަމީމަށް ހަމަލާދިންކަމުގެ ތުހުމަތުގައި މިއަދު މެންދުރު 2 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ޝުޖާއު މައުލޫމާތުދެއްވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ، ޝަމީމަށް ހަމަލާދިން މީހުން އެ ޖަރީމާ ހިންގާފައިވަނީ ކާކުކަން ނޭންގޭގޮތަށް މޫނު ފޮރުވައިގެންކަމަށެވެ. އަދި މީގެ އިތުރުން، ފުލުހުންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާއަކީ ވަރަށް ބޮޑަށް ރޭވިގެން ކުރެވުނުކަމެއްކަން ޝުޖާއު ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެންމިއަދު 2 މީހުން ހައްޔަރު ކުރެވުނުކަމުގައިވިއަސް އަދިވެސް މި މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން، އެ ޖަރީމާގައި އިތުރު ބަޔަކު ޝާމިލުވުން އެކަށީގެންވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕީޖީއަށް ހަމަލާދިން މައްސަލައިގައި ތަހުގީގުގެ މަރުހަލާގައި ލިބެމުންދާ ކުރިއެރުންތައް ހާމަކުރައްވަމުންދާނެކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވެފައިވެއެވެ. ނަމަވެސް، ހައްޔަރުކޮށްފައިވާ 2 މީހުނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ޕީޖީއަށް ހަމަލާދީފައި ވަނީ، ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލާފައެވެ.

ގައުމީ ދިފާއީ ބާރުން މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ