ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ފައިސާ ދޭނަން

ޚަބަރު ފަހުގެ

މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން މިއަދު ފެށި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސިލްސިލާގެ ދަށުން ރައީސް މިއަދު ޖަވާބުދެއްވީ، މަސްވެރިއެއްކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ. ޢަބްދުލްޣަނީ ސުވާލުކުރައްވާފައިވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުންނެވެ.

ޢަބްދުލްޣަނީގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށާއި މި ސަރުކާރާ ހަވާލުވުމަށްފަހު ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދެވި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތްކުރަނީ މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމަށް ކަމަށާއި އެއަށްފަހު ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް، މި ސިލްސިލާގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެ ކަމަށެވެ. އަދި ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ އެކި ވަސީލަތްތަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ