މިދިޔަ ޖަނަވަރީ މަހު 25 ވަނަ ދުވަހު ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވަނީ، ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ގެއެއް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 38 އަހަރުގެ މީހާ ފަސް ދުވަހަށް، އަދި 42 އަހަރުގެ މީހާއަަށް 15 ދުވަސް ބަންދަށް ކޯޓުން ޖަހައި ދީފައިވާކަމަށެވެ.
ގޮށްކޮޅަށް ކަށަވަރު ކުރެވިފައިވާ ގޮތުން 1 ފެބުރުވަރީ ވީ ބުރާސްފަތި ދުވަހު 38 އަހަރުގެ މީހާގެ ބަންދަށް ދީފައިވާ 5 ދުވަސް ހަމަ ވުމުން އޭނާ ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ. ގޮށްކޮޅަށް މަޢުލޫމާތު ލިބޭ ގޮތުގައި 38 އަހަރުގެ މި މީހާއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނާއިބު ރައީސެވެ.
ފުލުހުން ހިންގި ކުއްލި އެ އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ތަފްސީލް އަދި މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.