ކެމްޕެއިންގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓަށް

ފަހުގެ ސިޔާސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނާ މުހާތަބް ކުރައްވައި، މިދިޔަ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތަކުގެ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި މިރޭ ޝާއިއުކޮށްފިއެވެ.

“ދިވެހީންގެރާއްޖެ” މި ޝިއާރުގެ ދަށުން، ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދިޔަރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، ރައީސް މުއިއްޒު ވަނީ، 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތް ކުރައްވައިފައެވެ. ތަފާތު އެކި އިންތިހާބީ ހަރަކާތްތަކުގައި، ދިވެހި ގައުމުގެ ހާލަތާއި ކުރިމަގާމެދު އެމަނިކުފާނުގެ ވިސްނުންފުޅާއި ތަސައްވުރާއި ސިޔާސަތު ހާމަކުރައްވައި، 205 ފަހަރު ވާހަކަފުޅު ދައްކަވާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ އިންތިހާބުގައި ދައްކަވާ ހުރިހާ ވާހަކަފުޅުތަކާއި، ވެވަޑައިގަންނަވާ ހުރިހާ ވައުދެއް އެއްފޮތެއްގެ ސިފައިގާ ޝާއިއުކުރައްވައި އާންމުކުރެއްވުމަކީ، ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 1024 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި، ރައްޔިތުންނާ މުހަތަބުކުރައްވައި ދެއްކެވި ކޮންމެ ވާހަކަފުޅެއްގައި ވެވަޑައިގެންނެވި މުހިންމު ވައުދުތައް ވަކީން ފާހަގަކޮށްދެއްވާފައިވެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކާއި، ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ފޮޓޯތައްވެސް ހިމަނުއްވާފައިވެއެވެ.

މިއީ، ރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތަކާއި، އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގައި އެކުލަވައިލައްވާ އާންމުކޮށް ޝާއިއުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހި ގައުމުގެ އެންމެ މަތީވެރިއަކު، ގާއުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގެ ލިންކުން މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ވަކިވަކިން ބެލުމުގެ އިތުރުން، މުޅި ފޮތް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑްވެސް ކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ