ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ގާއިމްކުރުމަށް އިތުރަށް މަސައްކަތް ކުރާނަން: ނައިބު ރައީސް

ޚަބަރު ފަހުގެ

ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ގާއިމްކުރުމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މި ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެއަކީ އެކުވެރި، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގުޅުންތަކުން ބަނދެވިފައިވާ ގައުމަކަށްވާއިރު، ސްކައުޓް ފަދަ ހަރަކާތްތަކަށް އިސްކަންދިނުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ. ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ގާއިމްކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ނައިބު ރައީސް ވަނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުން ގައުމު ފަޚުރުވެރިވާފަދަ ރީތިނަން ހޯދައިދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ބޭރު ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ގައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަހުލާގާއި ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިހުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެބޭފުޅުން ދިވެހި މުޖުތަމައު ހަރުދަނާކުރުމަށް ކުރައްވާ ޚިދުމަތްތަކަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ