މަސްވެރީންނަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯ އިން ބުނެފި އެވެ
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ގއ. ކޫއްޑޫގައި މަސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ހިއްސާކޮށްފައިވާ ގޮތަށް، ފައިސާ ދޫކުރާނެ ގޮތުގެ ތާވަލާއި އޭގެ ތަފުސީލުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން ފައިސާ ދޫކުރަމުންދާނެ ކަމަށެވެ.
މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ހިދުމަތެއް ފޯރުކޮށްދީ، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ މަސްވެރިންނަށް ދެވޭ ހިދުމަތަކީ ފަސޭހަ ހިދުމަތަކަށް ހެދުމަށް ކަމަށް ބުނެފައިވެ އެވެ.
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ދާދިފަހުން ވިދާޅުވި ގޮތުގައި އަންނަ މަހުގެ 5 ގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ހަލާސްކޮށް ނިންމާނެ އެވެ.
ފައިސާ ނުލިބި ލަސްވަމުންދާތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާއިރު މިކަން ހައްލުކުރަން މިފްކޯއިން ލޯނެއް ނަގައިގެން ވެސް މަސްވެރިނަށް ފައިސާ ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.