ހަނީމާދޫ އެއާޕޯޓު އިތުރަށް ބޮޑުކޮށް، ރަންވޭއަށް 700 މީޓަރު އިތުރުކުރާނަން: ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ހދ. ހަނިމާދޫ އެއާޕޯޓް އިތުރަށް ބޮޑުކޮށް، އާ ރަންވޭއަށް 700 މީޓަރު އިތުރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދުއަށް މިއަދު ވަޑައިގެން ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަކީ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އެއާޕޯޓް ފީޒިބަލް ވަނީ ޓޫރިޒަމް ހާއްސަ ގޮތެއްގައި އަދި އެހެން އިގުތިސޯދުތައްވެސް މި ސަރަހައްދަށް ގެނެވިގެން. އެކި ކަހަލަ ޓޫރިޒަމް ޕްރޮޑަކްޓްސްތައް ހިމެނޭ ގޮތަށް މި އަތޮޅުގައި ހާއްސަކޮށް މި ޒޯނުގައި، ނޮދާން ޑިވެލޮޕްމެންޓް ޒޯންގައި ގިނަ ރިސޯޓުތަކެއް ހުޅުވުމަކީ އަޅުގަނޑުމެންގެ ސިޔާސަތު، އެގޮތަށް އެ މަސައްކަތް ފެށިފައިވަނީވެސް. އެއާއެކު މި އެއާޕޯޓު ވެގެންދާނީ ވަރަށް ބިޒީ އެއާޕޯޓަކަށް،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ހާސިލުކުރުމަށްޓަކައި މިހާރު ކުރިއަށްގެންދާ މަޝްރޫއު ގެންދަން ޖެހޭނީ އެންމެ ފުރިހަމަ ސްކޭލްގައި ކަމަށެވެ. އަދި ޓޫރިޒަމްގެ 8000 އެނދާއި އެހެނިހެން ސިނާއަތްތައް ގެންނަ އިރުގައި، 2،460 މީޓަރު ރަންވޭއަކީ އެކަމަށް އެންމެ އެކަށޭނެ ކެޕޭސިޓީއެއް ނޫން ކަމަށް ވިދާޅުވިއެވެ.

“ހަދާއިރުގައި އެންމެ ފުރިހަމައަށް ހެދިގެން ދާންވާނީ. އެހެންވީމަ އެއަށްވުރެ ދިގު ރަންވޭއެއް ހިމެނޭ ގޮތަށް މި އެއާޕޯޓު ހެދުމަކީ އަދި ދެގުނަ ތިންގުނަ އަގު ބޮޑުކޮށް ހަދަމުންދާއިރުގައި ހަގީގަތުގައި މި ޕްރޮޖެކްޓް ފޯމިއުލޭޓްވެގެން މިދިޔަ ސަރުކާރުގައި އައި އިރުގައި އެވަރަށް ވިސްނާ ނުލައި ސްކޭލް ކުޑަކޮށް މަސައްކަތް ފަށާފައި އެ އޮތީކީ. އަޅުގަނޑު ބޭނުންވަނީ ލޯނު ހަމަޖެއްސި ފަރާތާ ވާހަކަދައްކައިގެން މިކަމަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތް ކުރުން. މާނައަކީ މިހާރަށްވުރެ ރަންވޭ ދިގުކޮށް އިތުރު 700 މީޓަރު އިތުރުކުރުން،” ރައީސް ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ. އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ