ކައުންސިލްތަކުގެ އޮފީސްތައްް އަޅަން މަޝްރޫއެއް

ޚަބަރު ފަހުގެ

ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހާއްސަ މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ކައުންސިލްތަކަށް ޤާނޫނީގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް، ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ، ގިނަ ދުވަސްވެފައިވާ، ބާ އިމާރާތްތަކެއް ކަމުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ވަނީ ކުރިމަތިވެފައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ގިނަ ކައުންސިލްތަކުގައި މަސައްކަތް ކުރާނެ ޖާގައެއް ނެތް ކަމަށާއި ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

“އެހެންކަމުން، ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން، އިންވެސްޓަރ ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވަން،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް އުފައްދައިދިނުން ކަމަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ، މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ހޯދައިދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ލިބެންހުރި ފުރުޞަތުތައް ބޭނުންކޮށްގެން، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުކުރަންޖެހޭ ކަމަށާއި މުވައްޒަފުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާއާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ