ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައި މިވަނީ ކޯވިޑާއި ގުޅިގެން އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހުއެވެ.
ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން އެއަރޕޯޓަށް ރޭ ޖެއްސި ޗައިނާ އީސްޓަން އެއަރލައިންގެ މަތިންދާބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް އެރުވުން އޮތެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގ ލިޒިންއާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާ އީސްޓަން އެއަރލައިންގެ އިތުރުން، އެ ގައުމުގެ އެހެން ބައެއް އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންނެވެ.