އިންތިހާބު ފަސްކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި މަޖިލިސް އިންތިހާބު ފަސްކުރުމާ ގުޅޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބިލު ރައީސް ތަސްދީގު ކުރެއްވީ، ބިލު ތަސްދީގު ކުރެއްވުމަށް ބަންޑާރަ ނައިބު ލަފާދެއްވުމާ ގުޅިގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ 11 ފެބްރުއަރީ ވަނަ ދުވަހު އެވެ. އަދި އެ އިސްލާހު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފުރަތަމަ ފޮނުވާފައިވަނީ 12 ފެބްރުއަރީގަ އެވެ. އެ އިސްލާހު ތަސްދީގު ނުކުރައްވާ އަލުން މަޖިލީހަށް އަނބުރާ ފޮނުވާލުމުން މަޖިލީހުން އިއްޔެ ވަނީ އަލުން އެ އިސްލާހު ފާސްކޮށްފަ އެވެ.

ދެވަނަ ފަހަރަށް މަޖިލީހުން އިންތިހާބާ ބެހޭ ބިލު ތަސްދީގު ކުރުމުން ވެސް ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން ބިލަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ނިންމަވާފަ އެވެ. ރައީސް އެގޮތަށް ނިންމެވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާ ގުޅިގެންނެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗު 17 ގަ އެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ