މިދިޔަ ޖަނަވަރީ މަހު 25 ވަނަ ދުވަހު ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވަނީ، ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ގެއެއް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 38 އަހަރުގެ މީހާ ފަސް ދުވަހަށް، އަދި 42 އަހަރުގެ މީހާއަަށް 15 ދުވަސް ބަންދަށް ކޯޓުން ޖަހައި ދީފައިވާކަމަށެވެ.
އަދި 01 ފެބުރުވަރީ ވީ ބުރާސްފަތި ދުވަހު 38 އަހަރުގެ މީހާގެ ބަންދަށް ދީފައިވާ 05 ދުވަސް ހަމަ ވުމުން އޭނާ ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ.
42 އަހަރު މީހާއަށް ޖެހި 15 ދުވަސް ހަމަވުމުން އެނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް 38 އަހަރު މީ ބަންދަށްޖެހި 30 ދުވަސް އިއްޔެ ހަމަވުމުން ބަންދަށް ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީޔަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި 38 އަހަރުގެ މި މީހާއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނާއިބު ރައީސެވެ.