މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރުކުރި 5 ޓެލެގްރާމް ޗެނަލެއް ސީޒްކޮށް ދެ މީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތަކެއްޗާއި ބަދުއަހުލާގީ އަމަލުތައް އިސްތިހާރުކުރި 5 ޓެލެގްރާމް ޗެނަލެއް ސީޒްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ސީޒްކޮށްފައިވަނީ “ޖަޒީރާ އެޑްމިން”، “ޖަޒީރާ ގާލްސް”، “ޖަޒީރާ އެސްކޯޓް ގެލެރީ”، “ޖަޒީރާ ސްކޭމް އެލާޓް” އަދި “ޖަޒީރާ ލިންކް ހަބަރު” މި ޓެލެގްރާމް ޗެނަލްތަކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ އެ ނަންތަކުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަހުގީގުކޮށް އެ ޗެނެލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މި މަހުގެ 6 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންނަކީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުގެ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް މި މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ކަމަށެވެ. އަދި އެ ތަކެތީގެ ފޮރެންސިކް ތަހުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އެ ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހެމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަތުތަކަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް ހުޅުމާލެ މެޖިިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކރުުމުން އިތުރު 30 ދުވަހުގެ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ އެ ފަދަ ގާނޫނާ ހިލާފު ކަންކަމާ ދުރުވެ މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ