ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް މޭ މަހުގެ ތެރޭގައި ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ގެނެސްދެމުންދާ “ރައީސްގެ ޖަވާބު” ސިލްސާގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، ޢަބްދުﷲ އިނާން، އީ-ވޮލެޓުގެ ޚިދުމަތް ތަޢާރަފްކުރުމުގެ އެންމެފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް ރައީސްއާ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އީ ވޮލެޓް ތައާރަފް ކުރުމަށް ވަރަށް ބާރަށް މަސައްކަތްތައް ހިނގަމުންދާ ކަމަށާއި އުއްމީދަކީ އެންމެ ލަސްވެގެން މޭ މަހުގެ ތެރޭގައި އީ ވޮލެޓްގެ ހިދުމަތް ތައާރަފް ކުރުން ކަމަށެވެ.
އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިންމާފަ އެވެ.
އީ ވޮލެޓް ތައާރަފް ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު ރާއްޖެއަށް ޕޭޕަލް ލިބޭ ގޮތް ހަދަން އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެލެއްވި ރިޔާސީ ވައުދުފުޅެކެވެ.