ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ދޫކުރަން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.
މިކަމާ ގުޅޭ އެމްއޯޔޫގައި ސޮއިކުރުމަށް ފަހު ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާވެހި ފައިނޭންސް ސްކީމް ހަމަޖެހިފައިވަނީ އިސްލާމިކް ފައިނޭންސިން މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މި ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ.
ހިޔާވެހި ފައިނޭންސް ސްކީމްގެ ލޯނުތައް ވަނީ ދެ ބާވަތަކަށް ބަހާލާފަ އެވެ. އެއީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.
އެގޮތުން ރަށްރަށުގައި ގެދޮރު އިމާރާތްކުރަން ގިނަވެގެން ލިބެނީ އެއް މިލިއަން ރުފިޔާ އެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލިބެ އެވެ.