ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއެއް އުފައްދައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.

މި ޖަމިއްޔާގެ މުއައްސިސުންނަކީ ހއ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ކައުންސިލާއި ބ. އަތޮޅު ކައުންސިލްގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މުއައްސިސުންގެ އިތުރުން ޖަމިއްޔާ އެކުލަވާލުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ހދ. ހަނިމާދޫ ކައުންސިލާއި ނ. އަތޮޅުގެ ކައުންސިލްގެ އިތުރުން ލ. އަތޮޅު ކައުންސިލުން އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިއީ ލޯކަލް ކައުންސިލްތަކުގެ ގާނޫނު އެކުލަވާލެވުނު ފަހުން ކައުންސިލްތައް އިސްވެގެން ރާއްޖޭގެ ހުރިހާ ކައުންސިލެއް ބައިވެރިވެވޭ ގޮތަށް، އެ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކާމެދު ވަކާލާތު ކުރުމަށް އުފެދުނު ފުރަތަމަ ޖަމިއްޔާ އެވެ.

އެ ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ކައުންސިލްތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމާއި، ކައުންސިލްތަކުން އެއް މިސްރާބަކަށް ވާސިލުވުމަށް ބޭނުންވާ މަަޝްވަރާތައް ކުރުމަށް ޕްލެޓްފޯމެއް ގާއިމުކޮށްދިނުމާއި ކައުންސިލްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ތަމްރީނުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުން ހޯދައިދިނުން ހިމެނެ އެވެ.

މީގެއިތުރުން ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކާއި ސިޔާސަތުތަކަކީ ހަރުދަނާ، ދެމެހެއްޓެނިވި އަދި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ރައްޔިތުންގެ ބައިވެރިވުމާއެކު ހާމަކަން ބޮޑު ގޮތެއްގައި ހަދާ ޕްލޭންތަކަކަށް ހެދުމަށް ބާރު އެޅުމަކީ ވެސް އެ ޖަމިއްޔާގެ މަގުސަދެކެވެ.

މި ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ލޯކަލް ކައުންސިލަކަށް ވަނީ ހުޅުވާލާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ