ރާއްޖޭގައި އައިވީއެފް ހަދައިގެން ފުރަތަމަ ފަހަރަށް ދަރިފުޅަކު ލިބިއްޖެ

ޚަބަރު ފަހުގެ ޞިއްހަތު

މިދިޔަ އަހަރުގެ މެއި މަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ފާޓިލިޓީ ސެންޓަރުގެ ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހެދި އެވެ. އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވިކަން ކުރިން އިއުލާންކުރި އެވެ.

އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ވިހެއީ މީގެ ކުރިން ރާއްޖެ އިން ބޭރުން ހަތަރު ފަހަރަށް އައިވީއެފް ހެދި މީހެއް ކަމަށެވެ. އެ ދެމައިންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އައިވީއެފްގެ ދެ ވަނަ ދަރިފުޅު އިއްޔެ ވިހާފައިވަނީ 33 އަހަރުގެ މީހެކެވެ.

މިއީ، ޓްރީޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި، އެ ހޮސްޕިޓަލް އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ ޓްރީޓޮޕްގައި އައިވީއެފް ހަދަނީ މާބަނޑުވުމުގެ ފުރުސަތު ބޮޑު މީހުން ކަމަށް ބައެއް މީހުންނަށް މީގެ ކުރިން ގަބޫލުކުރެވުނު ކަމަށެވެ. ނަމަވެސް، އެންމެ ފުރަތަމަ ސިޒޭރިއަން ހެދި 36 އަހަރުގެ އެ އަންހެން މީހާއަކީ ވެސް ސިއްހީ އިތުރު މައްސަލަތައް ހުރި މީހަކަށް ވާތީ މެޑިކަލް ޓީމުތަކުން އެ މީހާގެ ހާލަތު ވަރަށް ކައިރިން މޮނީޓާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ބެޗުގައި އެމްބްރިއޮ ޓްރާންސްފާ ހެދި ބައެއް މީހުން ވަނީ ފެއިލްވެފަ އެވެ. ނަމަވެސް، އަދި ވެސް ބާކީ އެމްބްރިއޯ ހުރުމުން، އެ ތަކެތި ޓްރާންސްފާކޮށް، ކުރިއަށް އޮތް ތަނުގައި ކާމިޔާބު ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޒާކިޔާ ވިދާޅުވި އެވެ.

ފާޓިލިޓީ ސެންޓަރު ހުޅުވުމަށްފަހު އައިވީއެފް ހަދަން ފެށީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އޭރު މުވައްޒަފުންގެ ދަތިކަމާ ހުރެ ފަރުވާ ފެށީ ބެޗުތަކަށް ބަހާލައިގެންނެވެ. ޒާކިޔާ ވިދާޅުވީ ފުލްޓައިމް އެމްބްރިއޮލޮޖިސްޓެއް ލިބުމުން މިހާރު ވެއިޓްލިސްޓު ނުކުރާ ކަމަށާއި އެކަމަށް ތައްޔާރުވުމުން ވަގުތުން އޭގެ ޕްރޮސީޖާތައް ފަށާނެ ކަމަށެވެ.

މީގެ ކުރިން އެ ފަރުވާ ދޭން ފެށީ 43 އަހަރު ނުވާ މީހުންނަށެވެ. އެކަމަކު، ހޮސްޕިޓަލްގެ ބައެއް އުސޫލުތަކަށް ބަދަލު ގެނެސް، 45 އަހަރާ ދެމެދުގެ މީހުންނަށް އައިވީއެފް ހަދައިދޭން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އައިވީއެފް ހަދަން މިހާތަނަށް މީހުން ދިޔައީ ރާއްޖެއިން ބޭރަށެވެ. އެ ފަރުވާ އަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި މަޑުކުރަން ޖެހޭތީ އަތުން ވެސް ބޮޑު ހަރަދެއް ހިނގަ އެވެ. ނަމަވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްގެ ބުރަކަށް ކަނޑައަޅާފައި ވަނީ 46،000ރ. އެވެ. އެކަމަކު، ސަރުކާރުން މި ފަހުން ވަނީ އައިވީއެފަށް އާސަންދަ ދިނުމަށް ހުޅުވާލައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ