ރިލްވާންގެ މަރުގެ ރިޕޯޓް ރައީސަށް އަރުވައިފި

ޚަބަރު ފަހުގެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ގޮތުން، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށް އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު އޮތް ބައްދަލުވުމެއްގައި މި ރިޕޯޓް ރައީސްއާ ހަވާލުކުރެއްވީ މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ އެވެ. މިބައްދަލުވުމުގައި މަރު ކޮމިޝަންގެ މެންބަރުންގެ އިތުރުން ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުވުމުގައި މަރު ކޮމިޝަނުގެ މެންބަރުން ވަނީ ރިލްވާންގެ އާއިލާ މެންބަރުންނާއި ބައްދަލުކޮށް ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްސީލްކޮށް އާއިލާއާ ހިއްސާކުރައްވައިފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެންބަރުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި އެ މައުލޫމާތުތައް ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުމަށް ރައީސް ސޯލިހް ވަނީ މަރު ކޮމިޝަންގެ މެންބަރުންނަށް ދަންނަވާފަ އެވެ.

މީގެ އިތުރުން ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެއްވުމަށް އެމަނިކުފާނު ކޮމިޝަނުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހް ވަނީ މި ހަފްތާ ތެރޭގައި އަހްމަދު ރިލްވާންގެ އާއިލާ މެންބަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ