އިއްޔެ ހެނދުނު ތިން މީހުންނާއެކު ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ގެއްލިގެން ހޯދަމުން ދަނީ މ. އަތޮޅު މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދިޔަ “AAA-37” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނީގައި ތިބީ ކިތައް ދިވެހިން ކަމެއް އަދި ކިތައް ބިދޭސީން ކަމެއް ހާމައެއް ނުކުރެ އެވެ.
އެ ދޯނި ތިލަފުށިން ފުރީ އިއްޔެ ހެނދުނު 6:00 ހާއިރު ކަމަށާއި، އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 5:20 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
“އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުން،” އެމްއެންޑީއެފުން ބުންޏެވެ.
ގެއްލިގެން ހޯދަމުންދާ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 ގުޅައި މައުލޫމާތު ހިއްސާކުރަން އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެ އެވެ.