ގުރައިދޫ މަރުކަޒުގައި މީހުން ބޭތިއްބޭނެ މުއްދަތެއް ކަނޑައަޅަނީ

ޚަބަރު ފަހުގެ

ގުރައިދޫ މަރުކަޒަށް ގެންދާ މީހުންނަށް ފަރުވާދީ ރަނގަޅުވިޔަސް އާއިލާތަކުން އެ މީހުންނާ ހަވާލުނުވާ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ވިސްނުމަކީ ފަރުވާއަށް ފަހު މަރުކަޒުގައި ބޭތިއްބޭނެ މުއްދަތެއް ކަނޑައެޅުން ކަމަށް ފެމިލީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރަށް ހަ މަސް ވުމާ ގުޅިގެން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު އިސްމާއިލް ވިދާޅުވީ އެ މިނިސްޓްރީން ބެލި އިރު އެންމެ މުހިންމު ކަމަކަށް ފާހަގަވީ އެ ތަނުގައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދޭން ޖެހޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މީހުންނަށް ބޭނުންވާ އެނދާއި ސާފު ބޯފެން ތިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަރުކަޒުގައި ފަރުވާއަށް ފަހު ވެސް 20 އަހަރު ވަންދެން މީހުން ތިބެން ޖެހިފައިވާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

“މިހާރު އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ މިއީ ފަރުވާދޭ ތަނެއް. މިތަނަށް ވަކި މުއްދަތަކަށް ކަން ގެނެވޭނީ. ގެނައުމާއި ގެންދިއުމުގެ އުސޫލުތައް، ގާނޫނީ ގޮތުން ސަމާލުކަން ދޭނެ ޖެހޭ ކަންކަން ހިމަނައިގެން މަސައްކަތްތައް ކޮށް ނިމިފައި ވަނީ. މިހާރު މި ތިބި މީހުންގެ އާއިލާތައް ހޯދުމާއި އެ އާއިލާތަކަށް ބޭނުންވާ އެހިތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މި ދަނީ ވަރަށް ގާތުން މަސައްކަތް ކުރަމުން،” އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން، މިހާރު މުޖުތަމައުއަށް ނެރެފައިވާ މީހުންގެ އިތުރުން އެ ތަނުން އިތުރު މީހުން އާއިލާތަކާ ހަވާލުކުރަން ކުރާ މަސައްކަތަށް ވެސް އަންނަނީ ތަރުހީބު ލިބެމުންނެވެ.

މިނިސްޓްރީން މިހާރު އަމަލުކުރަމުން އަންނަނީ “ޓްރީޓްމެންޓް ރިހިބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން” މޮޑެލަށެވެ. އޭގެ ދަށުން ފަރުވާގެ ހުރިހާ ކަންކަމާއި އެ މީހުންނަށް ބޭނުންވާ ތަމްރީނުތަކާ އެކު ވަކި މުއްދަތެއް ވުމުން އާއިލާތަކާ ހަވާލުކުރުން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

“މިހާރު މިއަންނަނީ މަރުކަޒު އަލުން ރީ ޑިޒައިން ކުރަމުން. އެގޮތުން މިދިޔަ ހަފުތާ ވަނީ ރީ އިންޓަގްރޭޝަން އަށް ނެރުމުގެ ކުރިން ފަރުވާ ދީ އެ މީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ވޯޑެއް ހުޅުވާފައި. މިދިޔަ މަހު ވަނީ ސިވިއާ ސައިކޭޓްރިކް ވޯޑެއް. އަންނަ ހަފުތާގައި ފިރިހެނުންނަށް ހާއްސަ ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހުޅުވާނެ،” އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގުރައިދޫ މަރުކަޒުގައި މިވަގުތު ޖުމްލަ 221 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަ 183 މީހުންނާއި އުމުރުން ދުވަސްވީ 31 މީހުންނާއި އެނދުމަތިވެފައިވާ 15 މީހުންނެވެ.

މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން ފަރުވާ ފުރިހަމަ ކުރުމަށްފަހު އާއިލާތަކާ ހަވާލުކޮށްފައިވާ 15 މީހަކާއި ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރާ 24 މީހެއް ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި، ހިމެނެނީ 10 އަންހެނުންނާއި 14 ފިރިހެނުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ