އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ޝަމްނާޒާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަމްނާޒު ހައްޔަރުކޮށްފައި ވަނީ ސިހުރު ހެދުވުމުގެ ތުހުމަތުގައެވެ. އަދި އޭނާ ދިރިއުޅޭތަން ބަލައި ފާސްކޮށް ފުލުހުން ބައެއް އެއްޗެހި ގެންދިޔަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަމްނާޒް ސިހުރު ހަދުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށެވެ.