ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި

ޚަބަރު ފަހުގެ

ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވެ ކުންފުނި — ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ “ބީ މައިނަސް”ގެ ރޭޓިން “ސީސީސީ ޕްލަސް”އަށް ދަށްކޮށްފި އެވެ.

ފިޗުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރުމަށްފަހު ރާއްޖޭގެ ރޭޓިން “ސީސީސީ ޕްލަސް”އަށް ދަށްކޮށްފައި މިވަނީ ތިން އަހަރު ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓުމަށްފަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓް ދަށްކޮށްފައި މިވަނީ ދައުލަތުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެ ޑޮލަރު ލިބުން ދަތިވެފައިވާ ވަގުތެއްގައެވެ.

ފިޗުން ނެރެފައިވާ ބަޔާނެއް ބުނެފައިވަނީ ރާއްޖެއަށް ދަރަނި ދެއްކުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އަންނަ އަހަރު ދަރަނީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް 492 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ރުފިޔާ އިން 748 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށްވެސް ފިޗްގެ ބަޔާނުގައިވެ އެެވެ. އަދި ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު ނުވަތަ 1.1 ބިލިއަން ރުފިޔާއަށް ދަށްވެގެން ގޮސްފައިވާ ކަމަަށްވެސް ފާހަގަކޮށްފައިވެ އެވެ.

ފިޗުން ބުނީ ރާއްޖޭގެ ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ހަދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި އަށް ބިލިއަން ރުފިޔާ ހުރި ނަމަވެސް ބޭނުންކުރެވޭ ގޮތަށް އެ ފަންޑްގައި ހުރީ 54 މިލިއަން ޑޮލަރު ނުވަތަ 832 ރުފިޔާ ކަމަށެވެ. އެހެންކަމުން އެސްޑީއެފްގައި ހުރި ފައިސާ އަކީ ރާއްޖެއިން ދަރަނި ދައްކަންޖެހޭ ނިސްބަތަށް ބަލާއިރު ދަރަނި ދެއްކޭނެ ވަރެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ހަރަދުތައް ކުޑަނުކުރެވޭކަން ފިޗުން އަންނަނީ ރާއްޖެއާ ގުޅޭގޮތުން އަބަދުވެސް ފާހަގަކުރަމުންނެވެ.

ލޯނު ދޭ މާލީ އިދާރާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު ފިޗްގެ ރޭޓިން އަށް ވަރަށް ބޮޑަށް ބަލަ އެވެ. އެހެންކަމުން ފިޗްގެ ރޭޓިން ދަށްކުރުމަކީ ބޭރުން ފައިސާ ހޯދުމަށް ރާއްޖެއަށް ދަތިތައް ކުރިމަތިވާނެ ކަމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ