ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުވައިފި

ޚަބަރު ފަހުގެ

ފަޔަރ ސްޓޭޝަން ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްއެވެ.

ޤައުމީ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. މިގޮތުން ވީއައިއޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް އައު ފަޔަރ ސްޓޭޝަނެއް މިވަނީ ހުޅުވާފައެވެ. އަލަށް ތަރައްޤީކޮށްފައިވާ ރަންވޭއާއި އެއަރޕޯޓުގެ އިތުރު ސަރަޙައްދުތައް ސަލާމަތީގޮތުން ވަކި ސްޓޭންޑަޑެއްގައި ބެހެއްޓުމަކީ ބައިނަލް އަގްވާމީ ވައިގެ ދަތުރުފަތުރާއި ބެހޭ އިދާރާ، އައިކާއޯ އަދި ރާއްޖޭގެ ސިވިލް އެވިއޭޝަން ޤާނޫނުތަކުންވެސް ލާޒިމުކުރާކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން އައު ފަޔަރ ސްޓޭޝަން ޤާއިމުކޮށްފައިވަނީ އަލަށް ބޭނުންކުރަން ފެށި ރަންވޭއާއި ދިމާލުގައެވެ. 2230 އަކަ ފޫޓުގެ ސަރަޙައްދެއްގައި ތަރައްޤީކުރި މި ފަޔަރ ސްޓޭޝަން މިހާރު ޤާއިމުކޮށްފައިވަނީ މުޅި ވީއައިއޭގެ ހުރިހާ ސަރަޙައްދެއް ބަލަހައްޓައި އަދި ކަމެއް ދިމާވާ ޙާލަތުގައި އަވަސް ޚިދުމަތް ދެވޭނެ ރަނގަޅު ތަނެއްގައިކަން އެމްއޭސީއެލުން ފާހަގަކުރެއެވެ.

އަލަށް ޤާއިމުކުރި ފަޔަރ ސްޓޭޝަނުގައި ވެހިކަލްތަކާއި، ސަޕޯޓް ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވޯކްޝޮޕްތަކާއި ޗޭންޖިންގ ރޫމްއާއި ސްޓޯރެއްގެ އިތުރުން މުޅި ސަރަޙައްދު ބެލެހޭއްޓޭނެ ޚައްސަ ވޮޗް ރޫމެއްވެސް ހިމެނެއެވެ. މީގެއިތުރުން ފަރިތަކުރުންތަކާއި ތަމްރީންތައް ބޭއްވުމަށް ޚާއްސަ ސަރަޙައްދަކާއި އެމަރޖެންސީ ޙާލަތުގައި މޮނިޓަރކުރުމަށާއި ކޯރޑިނޭޝަންތައް ކުރިއަށްގެންދިޔުމަށް ޚާއްސަ ފަޔަރ ކޮންޓްރޯލް ރޫމެއްވެސްވަނީ ޤާއިމުކޮށްފައެވެ. އެގޮތުން އަލިފާން ނިއްވާ 2 އުޅަނދާއި އަލިފާނުގެ ހާދިސާތަކުގައި ވެހިކަލްތަކަށް އަވަހަށް ފެން ފޯރުކޮށްދެވޭނެހެން ޤާއިމުކޮށްފައިވާ ފެން ޓޭންކުތަކާއި، ކޮމާންޑް ވެހިކަލްއަކާއި، ކަނޑުގެ ސަރަޙައްދުގައި ހިނގާފާނެ ޙާދިސާތަކުގެ ޙާލަތުގައި ބޭނުންކުރާނެ ކަނޑުގެ 2 އުޅަނދުވެސްވަނީ މި ސްޓޭޝަންގައި ޤާއިމުކޮށްފައެވެ.

މި ފަޔަރ ސްޓޭޝަން ޢިމާރާތްކޮށްދީފައިވަނީ ވީއައިއޭގެ މަސައްކަތްކުރަމުން އަންނަ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަޔަރ އެންޑް ރެސްކިޔުގެ ޚިދުމަތަށް މިއަހަރު 58 އަހަރުވަނީ ވެފައެވެ. އައު ފަޔަރ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ ކުރީގެ ފަޔަރ ޗީފް އަލްމަރުޙޫމް އަޙްމަދު ފަޔާޒްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތުކޮޅެއް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ