ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ހަނިމާދޫ ފެހިކުރުމުގެ ހަރަކާތާއި، ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓުވައިދެއްވި ޕްރޮގްރާމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ގަސް އިންދަވައިފިއެވެ.
ހަނިމާދޫ ކައުންސިލާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހަނިމާދޫ ކައުންސިލްގެ ލައިސަން ޓްރެކް ސަރަހައްދުގައި އިއްޔެ ހަވީރުއެވެ.
ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ އިންދަވާފައިވަނީ އަނބު ގަހެކެވެ.
މިހަރަކާތުގައި ހަނިމާދޫ ކައުންސިލްގެ ރައީސްއާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ބައެއް އިސްވެރިން އަދި އެގްރޯނެޓްގެ އިސްވެރިން ބައިވެރިވެވަޑައިގެން ގަސްއިންދަވާފައި ވެއެވެ.