މާފުށީ ޖަލުގެ އަށް ޔުނިޓަކުން 29 ފޯނު އަތުލައިގެންފި

ޚަބަރު ފަހުގެ

ކ. މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ބަލާ ފާސްކުރި އަށް ޔުނިޓުން 29 ފޯނާއި އެހެން ބައެއް އިލެކްޓްރޯނިކް ސާމާނާއި ބަނގުރާ އަތުލައިގެންފި އެވެ.

ފުލުހުން ބުނީ އެތަކެތި އަތުލައިގެންފައިވަނީ މާފުށި ޖަލަށް ގަވާއިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އޮޕަރޭޝަންގައި މިއަދު މާފުށި ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް އަތުލައިގެން ތަކެތި:

* 29 މޯބައިލް ފޯނު
* 17 ޗާޖަރު
* 12 ހެޑްސެޓް
* 3 ޕެންޑްރައިވް
* 3 އެއާޕޮޑް
* 3 ކޭބަލް
* 2 ސިމް ކާޑު
* 4 ބޮގަރު ފުޅި

އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ އޮޕަރޭޝަނުގައި 183 ފުލުހަކާއި 81 ސިފައިންގެ އިތުރުން ކަރެކްޝަންސްގެ 40 އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެ ޖަރީމާގައި ބައިވެރިވާ ކަމަށް 18 އޮފިސަރަކަށް ތުހުމަތު ކުރެވޭއިރު، މިހާތަނަށް 13 އޮފިސަރަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ