ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާޤު މުޙައްމަދު ވިދާޅުވި ގޮތުގައި، ބަނދަރުގެ އުތުރު ފަރާތު އަތިރިމަތި އާދަޔާއި ޚިލާފަށް ގިރަމުންގޮސް، ބަނދަރަށް އަރަން އޮންނަ މަގާއި ހަމައަށް 12 ފޫޓު ޖެހިފައިވެއެވެ.
މީގެ އިތުރުން، އެ ސަރަހައްދުން 10 ވަރަކަށް ފޫޓު ގިރާފައިވާތީ، ރަށުގެ ގިނަ ރައްޔިތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދެމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ގިރާ ސަރަހައްދު ރަށު ފެންވަރުގައި ހައްލުކުރުމުގެ މަސައްކަތް ފަށައިފިން. ރަށު ކައުންސިލްތަކަށް ކޮށްދެވޭނީ ވަގުތީ ހައްލެއް. މިއީ މި ވަގުތަށް މި ސަރަހައްދު މިހާ ބާރަށް ގިރަމުންދާތީ އަޅާ ވަގުތީ ފިޔަވަޅެއް،” ފިރާޤު ވިދާޅުވިއެވެ.
މި ވަގުތީ ހައްލު ގެންނަނީ ޖަންބޯ ގޯނިތަކަށް ވެލި އަޅައި، އެ ގޯނިތައް އެ ސަރަހައްދުގައި ޖައްސައިގެން ކަމަށް ފިރާޤު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާރު ވަނީ ޗަކަ ބިމުން ގެވަޅު ލިބުނު ފަރާތްތަކަށް ވެލި އަޅައިދީފައި. އަދި ހަނިމާދޫ ސްކޫލުގެ ޗަކަ ބިމަށްވެސް މިހާރު ވަނީ ވެލި އަޅައިދީފައި. މީގެ އިތުރުން ބައެއް މަގުތަކަށްވެސް މިދަނީ ވެލި އަޅަމުން. އެއަރޕޯޓު މަޝްރޫޢުން ވަރަށް ގިނަ ކަޅު ވެލި އެބަހުރި ލިބެން. އޭގެ ބޭނުން ހެޔޮ ގޮތުގައި މި ހިފަނީ،” ފިރާޤު ވިދާޅުވިއެވެ.