މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެގޮތުން ހަވީރު 5:30 އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރުނު އިރު، ހަވީރު 4:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު މޫސުން ގޯސްވެފައިވަނީ ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑާ ގުޅުންހުރި ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް މަޑުމަޑުން މިހާރު އަރަމުންދާ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާލޭގެ ވަރަށް ގިނަ ގެތަކާއި ފެން ވަންނާނެ ކަމަށް ލަފާކުރެވޭ އިމާރާތްތަކުގައި ވަނީ ވެލި ބަސްތަތާތައް ވެސް ޖަހާފައެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ވަނީ ޓާސްކްފޯހެއް ވެސް އުފައްދާފައެވެ.