މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

ޚަބަރު ފަހުގެ

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެފައިވަނީ އައްޑޫސިޓީ، ހިތަދޫ ގެއަކަށެވެ. ރޭ ފަތިހު އެގެއަށް ވަދެ، އެ ގޭގައި އުޅުނު މީހަކަށް އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާގެ ފޮޓޯތައް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާއަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. އެގޮތުން ބޮލަށާއި އަތަށް އެކިވަރުގެ އަނިޔާލިބި، ގިނަ އަދަދެއްގެ ލޭ ވަނީ ފައިބާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު މީހާ އަކީ ހިތަދޫ ވެމްކޯ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫގައި މީހަކަށް އަނިޔާކޮށްފައިވާ ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ