އިހަވަންދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި

ޚަބަރު ފަހުގެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހއ. އިހަވަންދޫގައި ފަށައިފިއެވެ.

އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ. އަދި ރ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އުނގޫފާރުގައި ވަނީ ރަސްމީކޮށް ފަށާފައެވެ.

މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓުވެސް އާންމުކުރައްވާފައެވެ. މި މަގުޗާޓުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު