ހދ. ހަނިމާދޫ ކައުންސިލުން ރަށުގެ ސާފުތާހިރުކަން އިތުރުކުރުމަށް އަމާޒުކޮށްގެން “ރޯދަ ސާފު ޕްރޮގްރާމް” ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް އޮންނާނީ މި މަހުގެ 25 ވާ އަންގާރަ ދުވަހުއެވެ.
ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ބާއްވާ ޚާއްސަ ހަރަކާތެކެވެ. ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ގައި ރަށުގެ ބަނދަރު ސަރަހައްދުންނެވެ. ސާފުކުރުން މެންދުރު 12:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ކައުންސިލުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރަށުގެ އެންމެހާ އިދާރާތަކާއި، ކުންފުނިތަކާއި، މުވައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި އަދި ވަކިވަކި ފަރުދުންނަށް ވެސް ހުޅުވާލައިފައެވެ.