ހއ. އިހަވަންދޫގައި ތަރައްޤީކުރާ ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.
އާރުޑީސީއާ ހަވާލުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވެވި ޖަލްސާގައެވެ.
އިހަވަންދޫގައި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށްވީ ވަޢުދުތަކުގެ ތެރެގައި ހިމެނޭ ވައުދެކެވެ.
ހޮސްޕިޓަލުގެ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުއެވެ.
އިހަވަންދޫއަކީ ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށެކެވެ. އަދި އުތުރުގެ ތަރަޤީގަ ސަރަޙައްދީ މުހިންމު ރަށެވެ.
އެރަށުގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލް ވެގެންދާނީ ޖާގަ ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ހޮސްޕިލަކަކަށްކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ހޮސްޕިޓަލް އިމާރާތްނިމި ބޭނުންކުރަން ފެށެންދެންވެސް ރަށަށް ބޭނުންވާ ސިއްޙީ މުހިންމު ޚިދުމަތްތައް ދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ރަމަޞާންމަހުގެ ކުރިން އެ ރަށުގައި ކިޑްނީ ބަލިމީހުންނާ ދޭ ޑައިލަސިސް ފަރުވާގެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހއ. އިހަވަންދޫގައި އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިމިދިޔަ ސަރުކާރުގައިވެސް ބަޔަކާ ހަވާލުކުރިއެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކުރިނަމަވެސް ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެހޮސްޕިޓަލު އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް އެރަށުގައި ކުރިއަށްގެންގޮސްފައި ނުވެއެވެ.
މިއާއެކު އަދުގެ ސަރުކާރުން މިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެކު ކުރީގެ ސަރުކާރުން ސޮއިކުރި އެއްބަސްވުން ނިނުމަކަށް ގެނެސް އާރުޑީސީއާ މަޝްރޫޢު ހަވާލުކުރައްވާފައެެވެ. ނަމަވެސް ޕްރޮޖެކްޓުގެ ޑިޒައިންއާ ސްކޯޕަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ.
123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން އިހަވަންދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރަން ނިންމާފައިވަނީ އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރާގޮތަށެވެ.